Wednesday, July 23, 2008

ކިޔަވާކުދިންގެ އަޚްލާގް

ކިޔަވާ ކުދިންގެ އަޚްލާގް ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ ވާހަކައަކީ މިކަމާމެދު ވިސްނާ ފިކުރު ހިންގާ ވަރަށް ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ކިޔަވާކުދިންގެ އަޚްލާގީ މިންގަޑެއް ހިފަހައްޓަން ޖެހެނީ ވަކި ފެންވަރެއްގެ ނުވަތަ ވަކިކަހަލަ ސްކޫލް ތަކަކު ނޫނެވެ. ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި އަމިއްލަ ސްކޫލްތަކުގައި އުޅޭ ކުދިންގެވެސް އަޚުލާގީ މިންގަޑު އޮންނަންޖެހޭނީ އެއްގޮތެއްގައި އެއް ހަމައެއްގައެވެ. އަދި ސްކޫލްގެ އެތެރޭގައާއި ސްކޫލުން ބޭރުގައި އުޅޭއުޅުމުގައި ވެސް މިދެންނެވި އަޚްލާގީ ރިވެތި ސިފަތައް ކުދިންގެ ގައިގާ ހުންނަން ޖެހޭނެއެވެ.
ބައެއް ބެލެނިވެރިން ކުއްޖާ ވަކި އުމުރަކަށް ދިއުމުން ކުއްޖާ އެކަނި ސްކޫލަށް އައިސް ގޮސްވުމަށް ދޫކޮށްލައެވެ. ޢުމުރުގެ ގޮތުން ކުއްޖާގެ ފުރާވަރުގެ އުމުރަށް ދިޔަ ނަމަވެސް ކިޔެވުމުގެ ދައުރު ނިންމައި ޔުނިފޯމް މުޅިން ބޭލުމާ ހިސާބަށް ދާންދެން އަނެއް ބައި ބެލެނިވެރިން ކުއްޖާ އެކަނި ދޫކޮށެއް ނުލައެވެ. ކޮންމެތާކު ވިޔަސް ދަރިފުޅު އުޅޭ ނޫޅޭގޮތް ބަލައެވެ. މިކަން މިގޮތަށް ކުރަންޖެހެނީ ވެސް ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ކުއްޖާއަށް ކިތަންމެ އިތުބާރެއް ކުރިނަމަވެސް އެހެން ބަޔަކަށް އިތުބާރު ކުރެވެން ނޯންނާތިއެވެ.
ކިޔަވާ ކުދިންގެ އަޚްލާގީ މައްސަލަތައް ހައްދުފަހަނައަޅާ ދިއުމަކީ ވަރަށްގިނަބަޔަކު ކަންބޮޑުވާ ކަމަކަށް ވީ ނަމަވެސް މިކަމަށް ހައްލެއް ގެނައުމަށް ފިޔަވަޅެއް ނޭޅޭ ކަމުގައި ބައެއް ފަރާތްތަކުން ބުނަމުން ގެންދެއެވެ.
ސްކޫލުން އަންގާ އެންގުންތަކަށް ހުރުމަތްތެރިކޮށް ހިތާ މުދައްރިސުން ބުނާގޮތަށް ބަސްއަހާ ބޮޑެތިމީހުންނަށް ގަދަރުކުރާ ބަޔަކަށް ކިޔަވާކުދިން ވަމާތޯއެވެ. ބެލެނިވެރިންނާއި މައިންބަފައިން ދަރިންބުނާބަސް ގަބޫލުކުރުމުގެ ބަދަލުގައި ޓީޗަރުންނާއި މަދަރުސާގެ ބަސް ގަބޫލުކުރާ ބަޔަކަށް ވަމާތޯއެވެ. އޭރުން ކޮންމެ ކުއްޖަކީވެސް ސްކޫލާއި ޓީޗަރުންނާއި އާންމުންގެ މެދުގައި މަގުބޫލު ދަރިވަރަކަށްވާނެކަން ޔަގީނެވެ.

No comments: