Thursday, July 24, 2008

މުދައްރިސްގެ ފަރާތުން ބެލެނިވެރިޔާއަށް

އިމްތިޙާނަކީ ކިޔެވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެއީ ދަރިވަރުންނަށް ޙާސިލުކުރެވުނު މިންވަރު ދެނެގަތުމަށް ބޭނުންކުރެވޭ މިންގަޑެވެ. ކިޔަވައި ދިނުން އިތުރަށް ރަގަޅުކުރުމަށް ކުރަންވީ ކަންތައްތައް ދެނެގަތުމަށް ބޭނުންކުރެވޭ އެހީއެއް ވެސްމެއެވެ. އިމްތިޙާނު އެއީ ތަފާތުކޮށް ކުދިންނަށް އަސަރުކުރުވާ އެއްޗެކެވެ. ބައެއްކުދިން މާބޮޑު ހާސްކަމެއްނެތި އިމްތިހާނު ރަގަޅަށް ހަދާ ނިންމާލައެވެ. އަނެއްބައި ކުދިންނަށް އިމްތިހާނު އެއީ ބިރަކަށް ވެދެއެވެ. ހަމަ މިގޮތަށް ބައެއް ބެލެނިވެރިންނަށް ވެސް އިމްތިޙަނު އެއީ ހާސްކަމާއި ކަންބޮޑުވުން އުފައްދާ އެއްޗަކަށް ނޫނީ ނުވެއެވެ. ދަރިފުޅު ލައްވާ ރަގަޅަށް އިމްތިހާނު ހެއްދެވުމަށް ފަސޭހަކުރުމުގެ ގޮތުން އަމަލުކުރެވިދާނެ ސާދަ ނުކުތާއެއް ތިޔަ ބެލެނިވެރިޔާއަށް ހުށަހަޅާލަމެވެ. މިނޫނަސް މިކަމުގައި ކުރެވިދާނެ އިތުރު ކަންތައްތައް ހުންނާނެ ކަން ޔަގީނެވެ.
-1
އެންމެ ފަހުވަގުތު މުތާލިޢާ (ރިވައިޒް) ކުރުމުގެ ބަދަލުގައި ، މުތާލިޢާ ކުރާނޭގޮތުގެ ތާވަލެއް ހަދައި ދުވަސްތަކަށް ބަހާލާށެވެ. މުތާލިޢާ ތާވަލު ދަރިފުޅު އަމިއްލަޔަށް ހަދަން ދޫކޮށްލާށެވެ. ދަރިފުޅު ހެދި ތާވަލު އެއީ އެއާއި އެއްގޮތަށް ޢަމަލުކުރެވޭ ވަރުގެ އެއްޗަކަށް ނުވާނަމަ ދަރިފުޅާ ވާހަކަ ދައްކައިގެން އިސްލާޙްކޮށްލާށެވެ. ކޮންމެ ޓޮޕިކެއް މުތާލިޢާކޮށް ނިމުމުން ފާހަގައެއް ޖަހާށެވެ.
-2
ފިލާވަޅުތައް މުތާލިޢާ ކުރުން ވާން ޖެހެނީ ހަރަކާތްތެރި ޢަމަލީ ކަމަކަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ސްކޫލުން ދީފައިވާ ފިލާވަޅުތައް ދަރިފުޅު ލައްވާ ހަމައެކަނި ކިޔުއްވުމަކުން ދަރިފުޅުގެ ހަނދާނުގައި ފިލާވަޅުތައް ހަރެއް ނުލެއްވޭނެއެވެ. އޭގެ ބަދަލުގައި ފިލާވަޅު ކިޔުއްވުމުގެ އިތުރުން ފިލާވަޅާގޮޅޭ ނޯޓް ތައްޔާރުކުރާށާއި މުހިންމު ޕޮައިންޓްތައް ފާހަގަ ކުރާށާއި ކޮންމެ ޓޮޕިކެއް ތަކުރާރުކޮށް މުތާލިޢާކުރުމަށް ދަރިފުޅަށް ހިއްވަރު ދޭށެވެ.
-3
ކޮންމެ ޓޮޕިކެއް ނިމުމުން އެ ޓޮޕިކެއްގައި ހިމެނޭ މުހިންމު ނުކުތާތައް ދަރިފުޅުލައްވާ ލިސްޓް ކުރުވާށެވެ
-4
ފިލާވަޅު ދަސްކުރަމުން ދާއިރު ދަރިފުޅު ކުރަމުންދާ މަސައްކަތް ބަލައިގަންނާށެވެ. ތަޢުރީފްގެ ބަހެއް ބުނެލުން މިއީ، މަސައްކަތް ބަލައިގަތުމުގެ ގޮތުން ދެވިދާނެ ކުޑަ އެހެނަސް އަގު ބޮޑު ހަދިޔާއެކެވެ
-5
އިމްތިހާނު އޮންނަ ދުވަހުގެ ކުރީދުވަހުގެރޭ ހޭލާ ހުރެ ފިލާވަޅުތައް ހިތުދަސްކުރިޔަ ނުދޭށެވެ. މިގޮތަށް ލައިނުގަނެގެން ހިތު ދަސްކުރުމުން ހާސްވުން އިތުރުވާނެއެވެ. ރަގަޅަށް ޓެސްޓްހެދުމަށް ހަމައަށް ނިދި ލިބުން ވަރަށް މުހިންމެވެ.
-6
އަރާމުކުރަން ދަރިފުޅަށް އަންގާށެވެ. މިގޮތުން ފިލާވަޅުތައް މުތާލިޢާ ކުރުމަށް ވަގުތު ހޭދަކުރުމަށް ފަހު ހިގާލަން ނުކުމެލެވި ދާނެއެވެ.
-7
އަބަދުވެސް ރަގަޅުކާނާ ދަރިފުޅަށް ދިނުން މުހިންމެވެ. އިމްތިހާނު ދުވަސްވަރު ރަގަޅު ކާނާ ( ބެލެންސްޑް ޑައެޓް) ދިނުން ވަރަށް މުހިންމެވެ. ރަގަޅަށް ކާނަމަ ކިޔެވުމަށް ދޭ ސަމާލުކަން އިތުރު ވާނެއެވެ. ފޮނިގަދަ އެއްޗެތި މާގިނައިން ދަރިފުޅު ކެޔަނުދޭށެވެ. އިމްތިހާނު ދުވަސްވަރު ފޮނި އެއްޗެތި ގިނައިން އަބަދު ކާނަމަ ވިސްނުމަށް ( ކޮންސެންޓްރޭޓް ކުރުމަށް ) ހުރަހަކަށް ވެދާނެއެވެ.
-8
ކެފެއިން ގިނަ ޢަދަދަކަށް ހުންނަ ބުއިންތައް ( މިސާލަކަށް: ސައި،ކޮފީ،ކޯލާ ) އިރާކޮޅު ބުއިމުން ދަރިފުޅު ދުރުހެލި ކުރުވާށެވެ. ކެފެއިންގެ ސަބަބުން ނިދުމަށް ހުރަސް އެޅިދާނެއެވެ.
-9
އިމްތިހާނުގެ ސަބަބުން ހާސްވެ ކާހިތް ނުވާގޮތް ބައެއް ކުދިންނަށް ދިމާވެއެވެ. މިގޮތަށް ދިމާވާނަމަ ލުއިކޮށް ކެއުމަށް ދަރިފުޅަށް ހިތްވަރު ދޭށެވެ. މިގޮތުން ސޭންޑްވިޗެއް ދެވިދާނެއެވެ.
-10
އިމްތިހާނު އޮންނަ ދުވަސްތައް ކަލަންޑަރުގައި ފާހަގަ ކުރާށެވެ. އަދި އިމްތިޙާނު ނިމެމުންދިޔަ ވަރަކަށް ކަލަންޑަރުގައި ފާހަގަ ޖަހަމުން ދާށެވެ. މިގޮތަށް ކަންތައް ކުރުމުން އިމްތިހާނަށް ނިމުމެއް އޮތްކަމުގެ އިހްސާސް ބެލެނިވެރިޔާ އަށާއި ދަރިފުޅަށް ކުރެވޭނެއެވެ.
-11
ތެޅެމުން ފޮޅެމުން އިމްތިޙާނަށް ދާންޖެހިއްޖެނަމަ އިތުރަށް ހާސްވުންނޫން އެހެންކަމެއް ނުވާނެއެވެ.
-12
ދަރިފުޅުގެ އިމްތިހާނާ މެދު ނުވަތަ އިމްތިހާނުގެ ނަތީޖާއާ މެދު މާބޮޑަށް ހާސްވެކަންބޮޑު ނުވާށެވެ. އިމްތިހާނާއި ދަރިފުޅުގެ ނަތީޖާއާ ދޭތެރޭ ބެލެނިވެރިޔާ މާބޮޑަށް ހާސްވެ ކަންބޮޑުވެ އެވާހަކަ ހުއްޓާ ނުލައި އަބަދު ދައްކާނަމަ ދަރިިފުޅު މާބޮޑަށް ހާސްވެދާނެއެވެ.
-13
އެންމެ އިމްތިޙާނެއްގެ ނަތީޖާއަށް ބަލައި ދަރިފުޅާ މެދު ގޮތެއް ނުނިންމާށެވެ. އިމްތިޙާނެއްގެ ނަތީޖާ އެއީ ދަރިފުޅާ މެދު ގޮތެއް ކަޑައެޅުމަށް އެންމެ އެކަށީގެންވާ ފުރިހަމަ މިންގަޑަކަށް ނުވެ ހިގައިދާނެއެވެ. އެހެނީ އިމްތިޙާނުގެ ނަތީޖާއަށް އަސަރުކުރުވަފާނެ އެހެން ބަހާތަކެއް ވެއެވެ. މިސާލަކަށް އިމްތިޙާނު ހަދާ ވަގުތު ދަރިފުޅު ހުރި ހާލަތާއި އިމްތިޙާނު އޮންނަ ހޯލު ނުވަތަ ކްލާސްރޫމްގެ މާހައުލާއި މުދައްރިސުގެ އަމަލު ތަކާއި އޭނާ ދެކޭގޮތް، މިހުރީ އިމްތިޙާނުގެ ނަތީޖާއަށް އަސަރު ފޯރުވަފާނެ ކަންކަމެވެ. ބެލެނިވެރިޔާ އަބަދުވެސް ހަދާން ބަހައްޓަންވީ އިމްތިޙާނުގެ ނަތީޖާ އެއީ ބަދަލުކުރުވިދާނެ އެއްޗެއްކަމެވެ. އަބަދު އެއް ނަތީޖާއެއް ލިބެން ނުޖެހޭނެއެވެ.
-14
ފިލާވަޅު ދަސްކުރުމަށް ގޭގެ ވަކި ތަނެއް ދަރިފުޅަށް ޚާއްސަކޮށްދޭށެވެ. އަދި އެކަންގޭބިސީގައި އުޅޭ އެހެންމީހުންނަށް އަންގާށެވެ.
އިމްތިޙާނުގެ ބޭނުމަކީ ދަރިފުޅު ފެއިލްކުރުން ނޫންކަން ބެލެނިވެރިޔާ ހަދާން ބަހައްޓަން ވާނެއެވެ. އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކުކުރައްވާ މުދައްރިސުންގެ މަގުސަދަކީ މާކްސް އުނިކުރެއްވުމުގެ ބަދަލުގައި ލިބެންޖެހޭ މާކްސް ދެއްވުން ކަމަށް ބެލެނިވެރިޔާ ގަބޫލުކުރެއްވުން މުހިންމެވެ.

No comments: